ވެލިއުސް

އައިކޯސްޓް

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ މަސްއޫލިއްޔަތާއި ދައުރު އަދާކުރާނެގޮތާއި އެއޮފިސަރުންނާއި އެމުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި އޮފިސަރުންނާއި މުވައްޒަފުންނަކީ ޢިލްމާއި، ހުނަރުގެ ގޮތުން ކުރިއަރާފައިވާ ބަޔަކަށް ހެދުމަށާއި އަދި އެކަން ދެމެހެއްޓުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ދޭންޖެހޭ އެންމެހައި ތަޢުލީމާއި ތަމްރީނުތައް، ޒަމާނާ ގުޅޭ ބައިނަލް އަޤުވާމީ މިންގަނޑުތަކާއި ދިވެހިރާއްޖޭގެ ޘަޤާފަތާއި އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ބެލެހެއްޓުމާއި އެފަދަ ތަމްރީނުތަކުގެ ފެންވަރު ހިފެހެއްޓުމުގައި ޢަމަލުކުރާނޭ އުޞޫލީ މިންގަނޑުތައް ކަނޑައެޅާ ތަނެވެ.

އައިކޯސްޓަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއަށް ވަންނަ ފަރާތްތަކަށް އަސާސީ ތަމްރީނު ދިނުމުގެ އިތުރަށް، ޚިދުމަތުގައި ދެމިތިބި އޮފިސަރުންނާއި މުވައްޒަފުންނަށް އެއޮފިސަރަކު ނުވަތަ މުވައްޒަފަކު މަސައްކަތްކުރާ ދާއިރާއަކުންދޭ ޚިދުމަތް ރަގަޅުކޮށް ހަރުދަނާ ކުރުމަށް ބޭނުންވާ ހުނަރާއި ތަޢުލީމާއި ތަމްރީން ރާވާ ހިންގާ ތަނެކެވެ.

އައިކޯސްޓްގެ މަސްޢޫލިއްޔަތު ތަކުގެ ތެރޭގައި،

(ހ) އަލަށް ވަޒީފާދެވޭ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ޕްރޮގްރާމްތައް ހިންގާ ބެލެހެއްޓުމާއި،

(ށ) އޮފިސަރުންނާއި މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ތަރައްޤީކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ އެންމެހައި ތަމްރީންތައް ހިންގާ ބެލެހެއްޓުން؛

(ނ) މިމާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރެވިފައިވާ ތަމްރީނުތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން؛

(ރ) އައިކޯސްޓްގެ ބެލުމުގެދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެކިއެކި ޑިވިޒަން އަދި ޑިޕާޓްމަންޓުތަކުން އެތަނެއްގެ އޮފިސަރުންނާއި މުވައްޒަފުންގެ ކުރިއެރުމަށް ހިންގާ ތަމްރީނުތަކުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތް ކުރުން؛

(ބ) ޕްރިޒަން އޮފިސަރުންގެ މަސައްކަތު ދާއިރާތަކަށް ޚާއްޞަކޮށްގެން ތަމްރީން ޕްރޮގްރާމްތައް ފަރުމާކޮށް، އެފަދަ ޕްރޮގްރާމްތައް ހިންގާ ބެލެހެއްޓުން.

(ޅ) އާންމު އުޞޫލާއި އެއްގޮތަށް އޮފިސަރުން ބޭސިކް ފިޒިކަލް ފިޓްނަސް ޓެސްޓް ނެގުމުގެ  މަސައްކަތްކުރުން.