މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސިއްހީ ހިދުމަތްދޭ މައި މަރުކަޒު މާލޭ ޖަލުގައި ގާއިމުކުރެވިފައިވިޔަސް، ހުރިހާ ޖަލުތަކެއްގައިވެސް އަސާސީ ސިއްހީ ހިދުމަތްދޭ ސެންޓަރެއް ގާއިމުކުރެވިފައިވެއެވެ. ކޮންމެ ގައިދީއަކަށް އަދި ބަންދު މީހަކަށްވެސް ސިއްހީ ފަރުވާ ލިބިގެންވެއެވެ. މީގެ ތެރެއިން ފުރަތަމަ ހެލްތް ސްކްރީނިންގ ހެދުމާއި، އާންމު ބަލިތަކަށް ޑޮކްޓަރުގެ ފަރުވާއާއި ދިނުމުގެ އިތުރުން ބޭނުންވެއްޖެ ހާލަތެއްގައި އެންމެ ކައިރީގައިވާ ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފަރުވާ ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސައިދެއެވެ.
ކޮންމެ ދިވެހި ގައިދީއަކު އަދި ބަންދު މީހަކު ސަރުކާރުގެ “އާސަންދަ” ސްކީމްގެ ދަށުން އިންޝުއަރ ކުރެވިފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަރަދުގައި ބިދޭސީ ގައިދީންނަށާއި ބަންދު މީހުންނަށް ސިއްހީ ހިދުމަތް ދަނީވފޯރުކޮށްދެމުންނެވެ.
ގައިދީންނަށާއި ބަންދު މީހުންނަށް ކުރިމަތިވާ އާންމު ބަލިތަކާއި ސިއްހީ މައްސަލަތަކަށް ފަރުވާ ދޭނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ޓީމުންނެވެ. އަދި ބައްޔަކަށް ސްޕެޝެލިސްޓެއްގެ ފަރުވާ ބޭނުންވާ ހިނދެއްގައި ނޫނީ ގައިދީ / ބަންދުމީހާ އެދިއްޖެ ހާލަތެއްގައި، މެޑިކަލް ސެންޓަރުގެ ބޭރުން އެފަދަ ހާއްސަ ޑޮކްޓަރެއްގެ ފަރުވާ ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖައްސައިދޭނެއެވެ. އަންހެން ގައިދީންނާއި ބަންދުމީހުންނަށް ފަރުވާދޭން ތިބޭނީ އަންހެން ނަރުހުންނެވެ.
ހުރިހާ އައު ގައިދީންނާއި ބަންދު މީހުން ތިރީގައިވާ ކަންތައްތަކަށް ހެލްތް ސްކްރީން ކުރެވޭނެއެވެ.
- ކުރީގައި ޖެހިފައިވާ ބަލިތައް ހޯދައި، މިހާރު އެއްވެސް ބައްޔެއް ވޭތޯ ބެލުން.
- ސިއްހީ ހާލަތް ނޫނީ ސިއްހީ ގޮތުން ހާއްސަ ކަންތައްތައް ބޭނުންވޭތޯ ބެލުން (މިސާލަކަށް ސިއްހީގޮތުން ވަކި ގޮތަކަށް ކާބޯތަކެތި ބެހެއްޓުން)
- ކުރީގައި އެއްވެސް ނަފްސާނީ ބައްޔެއް ޖެހިފައިވޭތޯ ބެލުމާއި ނޫނީ ނަފްސާނީ ގޮތުން އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުން އަދި މިހާރު އެއްވެސް ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުން.
- ގައިން ގަޔަށް އަރާ އެއްވެސް ބައްޔެއ ވޭތޯ ބެލުން، މިސާލަކަށް އެޗްއައިވީ، ޓީބީ، ހެޕަޓައިޓިސް ބީ އަދި ސީ ފަދަ ނުރައްކާތެރި ބަލި ހުރިތޯ ބެލުން
- ޔޫރިން އެނޭލިސިސް، ރެންޑަމް ބްލަޑް ޝުގަރ ޓެސްޓް
މަސްތުވާތަކެތި ބޭނުންކުރުމުގެ އެއްވެސް ކަމެއް ހުރިތޯ ބެލުން.