މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީން އިސްލާހުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެމީހުންނަށް ތައުލީމާއި ފަންނީ ކުރިއެރުންތައް ހޯދައިދިނުމަށްޓަކައި ދަނީ ތަފާތު ކޯސްތައް ބާއްވަމުންނެވެ. މީގެ ތެރެއިން ބައެއް ކޯސްތައް ކުރިއަށް ގެންދަނީ އެކި އެކި މަރުކަޒުތަކާއި ޖަމިއްޔާތަކާއި ގުޅިގެންނެވެ.
މި ކޯސްތަކުން ލިބޭ ކޮލިފިކޭޝަނަކީ ޖަލުން ނިކުތުމަށްފަހު އެކި މުއައްސަސާތަކުން ގަބޫލުކުރާ ފެންވަރުގެ ކޮލިފިކޭޝަނެވެ. މީގެ ތެރޭގައި ޖީސީއީ އޯ ލެވެލްއާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ކޯސްތައް ހިމެނެއެވެ. ގައިދީންނަށް ފަންނީ ގޮތުން ކުރިއެރުމަށް، މިސާލަކަށް ވަޑާން ކުރުން، އިންޖީނިއަރިންގ، ދަނޑުވެރިކަން ފަދަ ކަންކަން ތަރައްގީ ކުރުމަށްވެސް ކޯސްތަކެއް ކުރިއަށް ގެންދެއެވެ. ގައިދީންނަށް ބައިވެރިވެވޭނެ ބައެއް ކޯސްތަކަކީ:
ހ. އަސާސީ އަދި މަތީ ލެވެލްގެ ޤުރްޢާން ކްލާސްތައް (އެކި ލެވެލްގެ ޤިރާތު ކޯސް، ހިފްޒް ކްލާސްތައް)
ށ. އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވުމަށް ހިންގާ ކްލާސްތައް (ބޭސިކް އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި ކްލާސްތައް)
ނ. ކޮމްޕިއުޓަރ އެޕްލިކޭޝަން ކޯސް
ރ. ބޭސިކް އެގްރިކަލްޗަރ ކޯސް
ބ. ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯސް
ޅ. ވެލްޑިންގ ކޯސް
ކ. ޕޭސްޓްރީ އެންޑް ކުކަރީ ކޯސް
އ. ފަހާ ކޯސްތައް
ވ. ވުޑް ކަރވިންގ އެންޑް ހެންޑިކްރާފްޓް ކޯސްތައް
މަސައްކަތް
ގިނަ އަދަދެއްގެ ގައިދީންނަށް ހުކުމް ތަންފީޒުކުރަމުންދާއިރު ވަޒީފާއަދާކުރުމުގެ ފުރުސަތުލިބެއެވެ. މީގެ ތެރެއިން ކޮންސްޓްރަކްޝަން ނޫނީ މެއިންޓެނަންސް މަސައްކަތް، ހެދުން ފެހުން، ދަނޑުވެރިކަން، ފަރުނީޗަރު ހެދުމާއި އިލެކްޓްރިކަލް އިންޖިނިއަރިންގއާއި ގުޅުންހުރި މަސައްކަތް ހިމެނެއެވެ. މި މަސައްކަތްތައް މައިގަނޑުގޮތެއްގައި ކުރިއަށްދަނީ ޖަލުގެ ވަރކްޝޮޕްތަކާއި މައްސަކަތްކުރަން ހާއްސަ ސައިޓްތަކުގައެވެ. މި މަސައްކަތްތަކުގެ ސަބަބުން ގައިދީންނަށް އާމްދަނީއެއް ހޯދުމަށް ފުރުސަތުލިބިގެންދެއެވެ.
މިގޮތުން ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދަށުން ގައިދީންގެ ތެރެއިން “މުޖްތަމައުއަށް ގެއްލުންތެރި ނޫންކަމަށް ދެކެވޭ” ގައިދީންނަށް މުޖްތަމައުގައި މަސައްކަތް ކުރުމަށް ފުރުސަތުލިބެއެވެ.